2018/SC-A/40 އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މައްސަލާގެ ޚުލާޞާ:

މިއީ ސިވިލް ކޯޓުން ބެލި މައްސަލައެއް، ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން އަލުން އެމައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކޮށްފައިވާތީ، އެކަމާގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަށް ވާސިލުވި ސަބަބުތައް

މައްސަލަ ތަޙުވީލު ކުރުމާ ގުޅޭ ނުކުތާ

ދިވެހިރާއްޖޭގެ ހައި ކޯޓުން މައްސަލަތައް ބެލުމުގައި، ދަށު ކޯޓުގައި އެ މައްސަލައެއްގެ ތެރެއިން ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އިސްތިއުނާފު މައްސަލައިގެ އަސާސްކަމުގައި ބަލަންޖެހޭކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން.

ހައިކޯޓުގެ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި މައްސަލަ ބެލިއިރު، ނުބެލިހުރި ކަންތައްތަކެއް ފާހަގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމުގައި ފެންނަނަމަ، އެ މައްސަލަ ބަލަންޖެހޭ ޤާނޫނީ އުސޫލުތައް ކަނޑައަޅައި، އެ މައްސަލައެއް ބެލުމަށް ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބިގެންވާކަން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) އަދި 46 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާކަން.

މައްސަލައެއްގައި ކަން ހިނގާފައިވާގޮތް ސާބިތުކުރަންޖެހޭނީ ނުވަތަ މައްސަލާގެ ހަގީގަތްތަކަކީ (issues of fact) ކޮބައިކަން ކަނޑައަޅަންޖެހޭނީ:-

ހައިކޯޓުން އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވައި، ދަށު ކޯޓުން ބަލަންޖެހޭކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ޤާނޫނީ އުސޫލުތަކަށް (ދެވަނަ ފަހަރު މައްސަލަ ބެލުމުގައި) ދަށު ކޯޓުން ޢަމަލު ކޮށްފައި ނުވާ ޙާލަތުގައި، ނުވަތަ

ދަށު ކޯޓުން ދެވަނަ ފަހަރު ނިންމާ ނިންމުމުގައި، އިސްތިއުނާފު ކުރުމަށް ޤާނޫނު ހުއްދަކުރާ ސަބަބެއް އޮވެގެން، އެ މައްސަލައެއް ހައިކޯޓުގައި ދެވަނަ ފަހަރު އިސްތިއުނާފުކުރާ ޙާލަތުގައި، މައްސަލާގައި ކަން ހިނގާފައިވާގޮތް ސާފުނުވުމުގެ ސަބަބުން، މައްސަލާގެ ޙަޤީޤަތް ސާބިތުކުރަން ޖެހިއްޖެނަމަ ކަމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާކަން.

ހައިކޯޓުގައި އިސްތިއުނާފުކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވާ އައު ނުކުތާތަކެއް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވުމަކީ، މައްސަލާގައި ގޮތެއް ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިތުރު ކަންކަން ފުރިހަމަކުރުމަށް، ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދަށު ކޯޓަށް މައްސަލަ ތަޙުވީލުކުރުމަށް ހުރަސްއަޅާ ސަބަބެއް ކަމުގައި ނުދެކޭކަމާއި، އެހެނީ ފުރިހަމަ ނޫން ބުރަރެވޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމުމަކީ އެކަށީގެންވާ ގޮތެއް އަދި ޢަދުލުވެރި ގޮތެއް ކަމުގައި ނުވާތީކަން.

އެހެންކަމާއެކު، ހައިކޯޓުން ފައިޞަލާ ކުރަނިވި ޙުކުމެއް ކުރުމުގެ ބަދަލުގައި، ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަޙުވީލު ކުރުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެއްވެސް އަސާސެއް ނެތި ނިންމާފައިވާ ނިންމުމެއްކަމުގައި ނުދެކޭކަން.

އަސާސީ ޙައްޤު މާނަކުރުމުގައި ރިޢާޔަތްކުރަންޖެހޭ ދޫސްތޫރީ މާއްދާތައް

ހައިކޯޓުން ސިވިލް ކޯޓަށް އަލުން މައްސަލަ ތަޙުވީލުކުރުމަކީ، ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި، 69 ވަނަ މާއްދާގެ އަލީގައި، އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް ގެނުވާކަމެއްކަމުގައި އިސްތިއުނާފުކުރާފަރާތުން ބުނާތީ، އިސްތިއުނާފުކުރާ ކޯޓަކުން ބަލަމުންދާ މައްސަލައެއް އެކޯޓަކުން ތަޙުވީލު ކުރުމަކީ، އެފަދަ ނަތީޖާއެއް ނުކުންނަ ކަމެއްކަން ނުވަތަ ނޫންކަން ބަލަން ޖެހޭކަން އެގޮތުން:-

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހިފެހެއްޓިދާނެކަން ސާފުކޮށް އެނގެން އޮތްކަމާއި، އަދި އެފަދަ ޙައްޤެއް ހިފެހެއްޓިފައިވަނީ ޢާންމު އުސޫލުން ބޭރުން ކަން މިނުމުގައި އަސާސީ ޙައްޤު މާނަކުރުމުގައި ދުނިޔޭގެ ހުޅުވިފައިވާ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތްތަކަށް ރިޢާޔަތް ކުރަންޖެހޭނެކަން ޤާނޫނު އަސާސީގެ 68 ވަނަ މާއްދާގައި އިރުޝާދު ދޭކަން.

ތަޙުވީލުކުރުމުގެ އުޞޫލު ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިކަމުގައިވާތީ، މައްސަލަ ތަޙުވީލުކުރުމަކީ ދުސްތޫރުގައި އެކަން ކުރުމަށް އޮންނަ ގޮތުގެ މަތިން ފަހި ކޮށްދީފައިވާ ކަމެއްކަން.

ދިމިގްރާތީ މުޖުތަމަޢުތަކުގައި މިކަމުގައި ޢަމަލުކުރާ ގޮތަށް ބަލާއިރު، އެމެރިކާއާއި، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައިވެސް އިސްތިއުނާފީ މައްސަލަތައް ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި، އަލުން ބެލުމަށް ދަށު ކޯޓަސް ފޮނުވުމުގެ އުޞޫލެއް ގެންގުޅޭކަމުން، ތަޙުވީލުކުރުމަކީ ދިވެހިރާއްޖެއަށް ޚާއްސަ އިޖުރާއަތެއް ނޫންކަމާއި، ދުނިޔޭގެ ހުޅުވިފައިވާ މުޖުތަމަޢުތަކުގައިވެސް ޢަމަލު ކުރަމުން އަންނަ އުސޫލެއްކަން އެނގެން އޮތްކަން.

ތަޙުވީލު ކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤާ ފުށުއަރާ ނުވަތަ ތަޢާރުޟުވާކަމެއްތޯ ބަލާއިރު،

ކޯޓުތަކުގެ ނިޒާމު މަސައްކަތްކުރަންޖެހޭ ގޮތް ޤާނޫނު އަސާސީއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ލިބިދޭ އިސްތިއުނާފުކުރުމުގެ ޙައްޤުގެ ބޭނުން ހިފޭނެ ދާއިރާއަކީ ކޮބައިކަންވެސް ބަޔާންކޮށްފައިވަނީ ކޯޓުތަކުގެ ޤާނޫނުގައިކަން.

ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމުމެއް އެއީ ޤާނޫނު އަސާސީއާއި، ނުވަތަ ޤާނޫނަކާއި ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާއިދަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމުގައި ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، މަސްލަޙަތު އޮތް ފަރާތަކުން ހުށަހަޅައިފިނަމަކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއިން އެނގެން އޮތްކަން.

ޤާނޫނުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މަސައްކަތް ބައްޓަންކުރަންވީގޮތުގެ އިރުޝާދު ދިނުމާއެކު، ދަށު ކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ޙާލަތް ބަޔާންކޮށް، އެފަދަ އިސްތިއުނާފީ މައްސަލަތައް އިސްތިސްނާފުކޮށް، ވަކި ޚާއްޞަ ޙާލަތްތަކެއްގައި މައްސަލަ ދަށު ކޯޓަށް ތަޙުވީލު ކުރުމުގެ އިޚްތިޔާރު ލިބިދީފައި އޮތުމުން، އެކަމަކީ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަން އެކަށައަޅާފައިވާ ގޮތްކަން ވަރަށް ސާފުކޮށް އެނގެން އޮތްކަން.

އެކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން އެކަން ތަރުތީބުކޮށްފައިވާ ގޮތްކަމުގައިވެފައި، އެފަދައިން ޢަމަލުކުރުމަކީ ހުޅުވިފައިވާ މިނިވަން ދިމިޤްރާތީ ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލުތަކާއި ޚިލާފު ނުވަތަ ތަޢާރުޏުވާ އުޞޫލެއް ނޫންކަމުން, ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލައެއް ތަޙުވީލުކުރުމަކީ އެކަމުގެ ސަބަބުން މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ނުވަތަ އެއިން ފަރާތެއްގެ އިސްތިއުނާފީ ޙައްޤެއް ގެއްލޭކަމެއްގެ ގޮތުގައި މާނަކުރުމަކީ ޤާނޫނީގޮތުން ދެކޮޅުޖެހޭ މާނަ ކުރުމެއް ކަމުގައި ބަލައިގަތުމަށް ދަތިވާކަން.

ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގެ ތަރުޖަމާކުރި ގޮތް

ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި އެފަދައިން ބަޔާންކޮށްފައިވަނީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން، އަދި އެ ޙައްޤުތަކާއި މިނިވަންކަން ނިގުޅައިގަނެވޭނެ ނުވަތަ ހަނިކުރެވޭނެ ފަދައަކުން ކަންކުރުން މަނާ ކުރުމުގެ ގޮތުން ގޮތުންކަމުގައި ދެކޭކަން.

މި މާއްދާ މާނަކުރަން ޖެހޭނީ ޤާނޫނު އަސާސީގެ އެހެން މާއްދާތަކާ ވަކިންކަމުގައި ނުވާތީއާއި، ޤާނޫނުތަކެކޭ އެއްފަދައިން ޤާނޫނު އަސާސީގެ އެހެން މާއްދާތަކާ ވަކިން ކަމުގައި ނުވާތީއާއި، ޤާނޫނުތަކެކޭ އެއްފަދައިން ޤާނޫނު އަސާސީގެވެސް އެއް މާއްދާއާއި އަނެއް މާއްދާއާ ގުޅުން އޮންނަކަމުން، އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި ޚާއްޞަކޮށް ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ހިމެނޭ މާއްދާތައް އެކުގައި ކިޔަންޖެހޭކަމާއި، އެގޮތުން، އެކުގައި ކިޔުމުން،، ބުރަވެވެނީ، 69 ވަނަ މާއްދާއަކީ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި، 68 ވަނަ މާއްދާ އެކުގައި ކިޔަންޖެހޭ، ފަހުން ހަވާލާދިން މި ދެ މާއްދާގައި ބަޔާންކުރާ ފަދައިން ކަން ކުރުމުން ނިކުންނަ ނަތީޖާއަށް ޙަވާލާދީ، އޭގެން އިތުރު ހިފެހެއްޓުމެއް ނުވަތަ ގައިދުކުރުމެއް ގެންގުޅުން މަނާކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްކަމެވެ. (*މައިގަނޑު ސުވާލަކީ އުނިކަމެއް ލިބޭތޯ ބެލުންކަން އެނގެން އޮވެއެވެ)

ޤާނޫނު އަސާސީގެ 69 ވަނަ މާއްދާއަށް އެކަނި ބަލައި އެ މާއްދާ މާނަކުރާނަމަ، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއާއި 68 ވަނަ މާއްދާ ނަފީވެގެން ދެއެވެ. އަދި އޭގެ ނަތީޖާއަކަށްވާނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭ ފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެ ފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބޭފަދައަކުން ޤާނޫނު އަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް ތަރުޖަމާ ނުކުރުމެވެ. ޤާނޫނު އަސާސީއިން އެކަން ހިނގާންވާނެ ކަމަށް ތަސައްވުރުކުރާ ގޮތްކަމަށް ބަލާނަމަ، މިސާލަކަށް، އެކި ކަންކަން ހިނގަންވާގޮތް ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަކަށް ޤާނޫނެއް ނެހެދޭނެއެވެ. ރެގިއުލޭޓްކުރުމަކީ ކަމުގެ ޒާތުން ވަކި ގޮތަކަށް ކަންކަން ތަރުތީބުކުރުމަށް ކުރާ އިންތިޒާމެއް ކަމުގައިވާތީއާއި ރެގިއުލޭޓް ކުރުމުގެ ސަބަބުން އެކި ފަރާތްތަކުން ކަންކަން ކުރުމަށް ބޭނުންވާ ފަދައިން ކަންކަން ނުކުރެވޭނެ ކަމަށްޓަކައެވެ. އަދި ރެގިއުލޭޓް ކުރުމުގެ ސަބަބުން އެފަރާތްތަކަށް ލިބެންވާ ޙައްޤަކަށް ނުވަތަ މިނިވަންކަމަށް އުނިކަމެއް އަންނާނެތީއެވެ. މިހެން މިފަދައިން ޤާނޫނު އަސާސީގެ 69 ވަނަ މާއްދާ މާނަކުރުމަކީ ވަށާ ޖެއްސޭ އަދި ހަމަޖެހޭ މާނަކުރުމެއް ކަމުގައި ޤަބޫލު ނުކުރެވޭކަން.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާޢީދުކޮށްފައި

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާޢީދުކޮށްފައި

ޙަވާލާދީފައިވާ މައްސަލަތައް

  1. ޢަލީ އަޙްމަދު ވ. ޢަލީ އިބްރާހީމް (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު)