އާބިޓްރޭޓަރުން ޢައްޔަންކުރާނެ ގޮތާމެދު ޚަޞްމުންގެ މެދުގައި އޮތް ޚިލާފަކާ ގުޅިގެން، އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޤާނޫނީ ވަރުގަދަ ބަހުސެއްދަނީ ކުރެވެމުންނެވެ.
އިންޑިޔާގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ޚުޞޫމަތަކީ، އެއްބަސްވުމުގެ އެއްބައިވެރިޔަކު ކަނޑައަޅާ އާބިޓްރޭޓަރުންގެ ޕެނަލްއަކުން، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އާބިޓްރޭޓަރު ކަނޑައެޅިދާނެތޯ އުފެދިފައި ސުވާލެވެ.
އާބިޓްރޭޝަނަކީ party autonomy ނުވަތަ އެއްބަސްވުމުގެ ބައިވެރިންގެ އިޚްތިޔާރާއި މިނިވަންކަން އެ ނިޒާމުގެ މައްޗަށް އޮންނަ ނިޒާމަކަށްވާއިރު، އެއްބަސްވުމުގެ ބައިވެރިޔަކު ކަނޑައަޅާފައިވާ އާބިޓްރޭޓަރުންގެ ލިސްޓެއްގެ ތެރެއިން އެއްބަސްވުމުގެ އަނެއް ބައިވެރިޔާ އާބިޓްރޭޓަރުން ކަނޑައެޅުމަކީ، އެއްބަސްވުމުގެ އެބައިވެރިޔާއަށް އާބިޓްރޭޓަރުން ކަނޑައެޅުމަށް ލިބިދޭ އިޚްތިޔާރު ހަނިވާކަމެކެވެ.
މިޙާލަތު ދިމާވަނީ އިންޑިޔާގެ ސަރުކާރާއިއެކު ވެފައިވާ ފަރުދީ ކޮންޓްރެކްޓްތަކަށެވެ.
އިންޑިޔާގެ ސޮލިސިޓަރ ޖެނެރަލް ވަކާލާތުކުރަނީ، އިންޑިޔާގެ Arbitration and Reconciliation Act އިން، unilaterally އާބިޓްރޭޓަރުން، broad-based ޕެނަލްއެއްގެ ތެރެއިން ނެގުމަކީ، އެ ޤާނޫނުގެ މަގުސަދު ހާސިލުވާނެކަމެއްކަމަށެވެ. ޕްރައިވެޓް ކޮންޓްރެކްޓަރުން ބުނެފައިވަނީ، އެފަދައިން އެކަން ކުރުމަކީ، ހަމަހަމަކަމާއި ވަކި އިންސާފުވެރިކަން (ޢަދުލުވެރިކަން) ޚިލާފު ކަމެއްކަމެވެ.
އިންޑިޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގައި، ފުރިހަމަ-އިންސާފު ޤާއިމުކުރުމުގެ ބޭނުމަށް، އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، ޤަރާރެއް ނުވަތަ އަމުރެއް ނެރެންޖެހޭނަމަ ނެރުމުގެ ބާރު ލިބިދޭކަމަށް ބަޔާންކޮށްފައިވެއެވެ.
އިގުތިސޯދީގޮތުން (އިޤްތިޞާދީގޮތުން) ކުރިއަރަމުން އަންނަ އިންޑިޔާގައި އިންވެސްޓްކުރާ ދޭސީ އަދި ބިދޭސީ އިންވެސްޓަރުންނަށް އާބިޓްރޭޝަންއާ ގުޅިގެން ނިންމާ މި ނިންމުމަކީ ވަރަށް މުހިންމު ނިންމުމެކެވެ. ޚާއްޞަކޮށް އިންޑިޔާގެ ސަރުކާރާއެކު ކުރެވޭ ކޮންޓްރެކްޓްތަކަށް މި މައްސަލާގައި ނިންމާ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރާނެއެވެ.
ޤާނޫނު ތަންފީޛުކޮށް، ނިޒާމު ޢާންމު ހިފަހައްޓައި، ޤާނޫނުތަކަށް ދިރުން ދިނުމުގެ ބޭނުމަށް، ޝަރުޢީ ނިންމުންތަކުގައި ޤާނޫނު ހުއްދަކުރާ ގޮތުގެ މަތިން ފަނޑިޔާރުންނަށް ލިބޭ އިޚްތިޔާރުގެ ބޭނުން ކުރުމަކީ ދުނިޔޭގެ ކޮންމެ ނިޒާމެއްގައިވެސް ވިރާސީގޮތުން ލިބޭ ބާރެކެވެ. އެބާރު ލިބެންޖެހޭގޮތަށް ވަކާލާތު ކުރެވުމަކީ، އަދި އެބާރު އޭގެ އިންތަކާއި މިންތަކުގެ ތެރެއިން ތަރުތީބުވެގެން ބޭނުންކުރުމަކީ އެ ޤައުމެއްގެ ޝަރީޢަތުގެ ނިޒާމަށް ފުރިހަމަކަން ލިބޭނެ ކަމެކެވެ.
އާބިޓްރޭޝަންއާ ގުޅުންހުރި މައްސަލަތަކަކީވެސް ރާއްޖޭގެ ޤާނޫނީ ނިޒާމުތެރެއަށް މަޑުމަޑުން ވަންނަން ފަށާނެ ބާވަތުގެ މައްސަލަތަކެވެ.