2022/SC-A/04 ޢަލީ އަޙްމަދު ވ ޢަލީ އިބްރާހީމް

 

މައްސަލާގެ ޚުލާޞާ:  

މި މައްސަލައަކީ، ޢަލީ އިބްރާހީމް ގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ “އަލް ފަލާޙް” އެވެ ކިޔުނު ފައިބަރު މަސްދޯނި، ޢަލީ އަޙްމަދު އަށް ވިއްކުމަށްޓަކައި އެއްބަސްވެ، 15 އޮގަސްޓު 2012 ގައި، ޢަމަލު ކުރަން ފަށާފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައިވާގޮތަށް އަގު އަދާކުރުމުގައި އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން، ފަލާޙް އެވެ ކިޔުނު ދޯނި ޢަލީ އަޙްމަދުގެ އަތުން ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

ދަށު ކޯޓުން ނިންމި ގޮތް:

އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކާކަން އެނގެން އޮތުމުން، އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދޯނި އަނބުރާ ލިބެންޖެހޭކަމުގައި ކަނޑައަޅައި، ދޯނި 15 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށް ދަޢުވާލިބޭ ފަރާތަށް އަންގައި އިންޖީނާއި، ނެވިގޭޝަން ސިސްޓަމާއި، މަސްވެރިކަން ކުރުމަށް ގެންގުޅޭ ސާމާނަށް ޚަރަދުކޮށްފައިވާނަމަ، އެ ޚަރަދެއް ހޯދުމަށް ވަކިން ދަޢުވާކުރުމުގެ ޙައްޤު އޮތްކަމުގައި ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.

ހައިކޯޓުން ނިންމިގޮތް

ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، މި މައްސަލަ އަލުން ދަށު ކޯޓުން ބަލަންޖެހޭކަން. އެގޮތުން، 23 އޮގަސްޓު 2017 ގެ އެއްބަސްވުމާމެދު ގޮތެއް ކަނޑައަޅަންޖެހޭނެކަމާއި، ފައިސާ ދެއްކިފައި ނުވަނީ، އެހާތަނަށް ދައކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ދައްކަން ޑިމާންޑް ކުރާތީކަމަށް ބުނާ ބުނުމާއި، ދެއްކި ފައިސާއާއި، ދޯނި އަނބުރާ ޙަވާލުކުރުމަށް ކަނޑައެޅޭ ޙާލަތުގައި، ޢަލީ އަޙްމަދު ދޯންޏަށް ކޮށްފައިވާ ޚަރަދުތައް ދެއްކުމާ ގުޅޭގޮތުން ގޮތެއް ކަނޑައަޅަންޖެހޭނެކަމަށް ދެކޭކަން.

ނިންމުން: ސިވިލް ކޯޓުގެ މައްސަލާގެ ޙުކުމް ބާޠިލުކުރުމާއި، މައްސަލާގައި ކަނޑައެޅި ކަންކަމުގެ އަލީގައި އެ މައްސަލަ އަލުން ބަލައި ފައިސަލާ ކުރަނިވި ޙުކުމެއް ކުރުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް މައްސަލަ ތަޙުވީލުކުރުން.

ސުޕްރީމް ކޯޓުގެ ނިންމުން

މައްސަލަ ޙައްލުކުރުމަށްޓަކައި ހެޔޮނިޔަތުގައި ވެވޭ އެއްބަސްވުމަކީ، without prejudice މުޢާމަލާތެއްކަމާއި، މައްސަލައެއް ހައްލުކުރުމަށްޓަކައި ހެޔޮނިޔަތުގައި ކުރާ މުޢާމަލާތްތަކަކީ އެ މައްސަލަ ހައްލުނުވެގެން މައްސަލާގެ ޝަރީޢަތް ކުރެވޭ ހިނދު، އެ މުޢާމަލާތްތަކުގެ މައްޗަށް ބަރޯސާވެވޭނެ، ނުވަތަ އެއިގައި ހިމެނޭ ފަރާތަކާ ދެކޮޅަށް ބޭނުން ކުރެވޭނެ މުޢާމަލާތެއް ނޫންކަމާއި، އެފަދައިން އެކަން އޮންނަނީ މައްސަލަ ހައްލުކުރުމަށްޓަކައި، މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމާއި، ސުލްހަވެރި ޙައްލެއް ހޯދުމުގެ ގޮތުން ދެކެވޭ ވާހަކަތަކަކީ އެއިން ނަތީޖާ ނުނެރެވިއްޖެ ޙާލަތެއްގައި، އެ ފަރާތްތަކާ ދެކޮޅަށް ބޭނުން ކުރެވޭނެ އެއްޗެއް ނޫންކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުންކަން. އެހެންކަމުން، ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޜަންގައި މައްސަލަ ހިންގަމުންދިޔައިރު، ސުލްހަވެރި ހައްލެއް ހުސޫމާތަށް ގެނައުމުގެ ނިޔަތުގައި، ޙައްޤުތައް ދޫކޮށްލުމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރިނަމަވެސް، އެ މަރުހަލާގައި މައްސަލަ ހައްލުނުވެ ޝަރީޢަތަށް މައްސަލަ ހުށަހެޅުމުން، ހައްޤުތައް ދޫކޮށްލުމާ ގުޅޭ އެއްބަސްވުމުގެ ސަބަބުން 2012 ވަނަ އަހަރު މަސްދޯނި ވިއްކުމަށް ވެފައިވާ އެއްބަސްވުމަށް ބަދަލައެއް އައީކަން ނުވަތަ ދޯނީގެ މައްޗަށް އޮތް ހައްގު ދޫކޮށްލީކަމަށް ހަސްމަކު ބުނާތީ، އެ އެއްބަސްވުން ބަލައިގަނެ، އުފެދިފައިވާ މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގައި އެ އެއްބަސްވުމަށް ހައިސިއްޔަތެއްދީ، އެއަށް ރިޢާޔަތް ކުރެވިދާނެކަމަށް ނުދެކޭކަން.

ޢަލީ އަޙްމަދު ކޮށްފައިވާ ޚަރަދުތަކާ ގުޅޭ

މައްސަލާގައި ޢަލީ އަޙްމަދުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ފަރާތުން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު، އެއީ ގަނޑުކޮށް ފައިސާ ހޯދުމަށް އެދިފައިވާތީ އެކަން ސާބިތު ކުރުމަށް ހުށަހެޅި ހެކީން ނޫންކަން އެނގެން އޮވެއެވެ. އެހެންކަމުން، ފައިސާ ދައްކާފައި ނުވަނީ، ގަނޑުކޮށް ފައިސާއަށް އެދިފައިވާތކަމުގައި ބެލުމުގެ ޖާގައެއް ނެތެވެ. މިކަމުގެ ނަތީޖާއަކީ، ޢަލީ އަޙްމަދު އެއްބަސްވުމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވެއެވެ. ފައިސާ ދައްކާފައި ނެތުމުން އެއްބަސްވުމާ ޚިލާފުވެފައިވަނީ ޢަލީ އަޙްމަދުކަމުގައި ބަލަންޖެހެއެވެ. ޢަލީ އިބްރާހީމް އެއްބަސްވުމާ ޚިލާފު ކަމެއް ކޮށްފައިވާކަން އެނގެން ނެތެވެ.

އެހެންކަމުން، މަސްދޯނި ޢަލީ އިބްރާހީމް އާ ޙަވާލުކުރާނަމަ، ޒަމާނީ މަސްދޯންޏަކަށް ހެދުމަށް ޢަލީ އަޙްމަދުގެ ފަރާތުން ޚަރަދުތަކެއް ކޮށްފައިވާނަމަ، އެ ޚަރަދު ނަގައިދޭންޖެހޭ ކަމާމެދު ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ބަޔާންކޮށްފައިވާގޮތަށް އަދާލަތުގެ ހަމަ ބޭނުން ކުރެވިދާނެކަމަށް ނުދެކޭކަން.

އަދާލަތުގެ ހަމަތައް ނުވަތަ އިކުއިޓީގެ އުސޫލުތަކަށް ބަލާއިރު، އެ އުސޫލު ތަޠްބީޤު ކުރެވޭނީ ސާފު އަތަކައިގެން ހައްލު ހޯދުމަށް އެދި އެމީހަކު ކޯޓަށް އަންނަ ހާލާތުގައެވެ. މީގެ މާނައަކީ ދަޢުވާއާ ގުޅިގެން ހެޔޮ ނިޔަތެއްނެތި، ޢަމަލުކޮށްފައިވާ ފަރާތަށް ކޯޓުން ޢަދާލަތުގެ ޙައްލެއް ލިބި ނުދެވޭނެކަމާއި، މި މައްސަލާގައި ޢަދާލަތުގެ ޙައްލު ލިބިދީފައި ވަނީ، މައްސަލަ ރައްދުވާ ފަރާތަށް ކަމުގައިވުމުގެ އިތުރުން، އެ ޙައްލުގެ މަންފާ ލިބެނީ މައްސަލާގައި ހިމެނޭ އެއްބަސްވުމާ ޚިލާފުވި ފަރާތަށްކަމަށާއި، މިއީ ޢަދާލަތުގެ ނާޅިން މިނައިގެން ޙައްލެއް ދެވޭނެ ހާލަތެއް ނޫންކަން.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ކުރިން ރައްދު ދަޢުވާ މައްސަލާގެ ތެރެއިން ހުށަނޭޅޭތީ މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދު ވަކި މައްސަލައެއް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެންގުމަކީ، ސިވިލް ކޯޓުން ޤާނޫނާ ތަޢާރުޟުވާ ފަދައަކުން ކޮށްފައިވާ ކަމެއްކަމުގައި ބެލެވެން ނެތްކަން.

އެއްބަސްވުމުގައިވާ ފަދައިން ފައިސާ ނުދެއްކުނު ސަބަބެއްގެ ގޮތުގައި ޢަލީ އަޙްމަދު ބަޔާންކޮށްފައިވާ ކަންކަމަކީ، އޭނާގެ ފަރާތުން ސާބިތުކޮށްދެވޭނެ ގޮތެއް އޮތް ކަން އެނގެން ނެތް، ހަމައެކަނި އޭނާ ބުނާ ބުނުމެއްކަމުގައިވާތީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލާގެ ތެރެއިން ޢަދާލަތުގެ ހަމަތަކުގެ ތެރެއިން އޭނާއަށް ނެގޭނެ ދިފާޢެއް ނެތުމުން، މަސްދޯނި ތަރައްޤީ ކުރުމަށް ކޮށްފައިވާ ޚަރަދުތަކާމެދު ހުށަހެޅި ކަންކަން ބަލަން ޖެހުން ލާޒިމުކުރާ ޤާނޫނީ ހަމައެއް ނެތްކަން

މައްސަލަ ތަހުވީލުކުރުމާ ގުޅޭ މައިގަނޑު އުސޫލު އެކްސްޕޯޓް އިމްޕޯޓު ބޭންކް އޮފް މެލޭޝިޔާ ވ. ވަން އެންޑް ހާފް ޑިގްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން. އެގޮތުން ހައިކޯޓުގެ ފަނޑިޔާރުންނަށް، ދަށު ކޯޓުގައި ބަލާފައިވާ މައްސަލައެއް ބެލުމަށްޓަކައި އަލުން ދަށު ކޯޓަށް ފޮނުވުމުގެ އިޚްތިޔާރު ލިބެނީ، އެ މައްސަލައެއް ދަށު ކޯޓުގައި ބެލއިރު، ނުބެލިހުރި ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވި، އެ މައްސަލަ އަލުން ބެލުމުގެ މަސްލަހަތު ބޮޑުކަމުގައި ފެންނަ ޙާލަތުގައިކަން.

މި މައްސަލައަކީ އަލުން ދަށު ކޯޓަށް ފޮނުވަން ޖެހޭ މައްސަލައެއް ނޫންކަން.

ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓުމާއި، ހައިކޯޓުގެ ޙުކުމް ބާޠިލުކުރުމް

ޢަލީ އަޙްމަދުގެ ފަރާތުން މަސްދޯނި ހަވާލުކުރުމަށް އަންގާފައިވާ މުއްދަތު ހަމަވެފައިވާތީ، 15 ދުވަސްތެރޭގައި މަސްދޯނި ހަވާލުކުރުމަށް

އެންގުން

މި މައްސަލަ ނިމުމަކުން، މަސްދޯނި ތަރައްޤީކުރުމަށް ކޮށްފައިވާ ޚަރަދުތައް ހޯދުމަށް ޢަލީ އަޙްމަދުގެ ފަރާތުން ދަޢުވާކުރުމަށް ހުރަހެއް ނެތްކަމާއި، އަދި އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ޢަލީ އިބްރާހީމްއަށް ގެއްލުމެއް ލިބިފައިވާނަމަ އޭނާގެ ފަރާތުން އެއިގެ ގެއްލުމުގެ ބަދަލު ހޯދުމަށް ހުރަހެއް ނެތްކަން.