2008/SC-A/01 އިދްހާމް މުޢިއްޒު ޢަދުނާން ވ. ރައްޔިތުންގެ މަޖިިިލިސް

މި މައްސަލައަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން އިންތިގާލީ ސުޕްރީމް ކޯޓު އުފެދުމުން، އެ ކޯޓަށް ހުށަހެޅުނު އެންމެ ފުރަތަމަ މައްސަލައެވެ.

މި މައްސަލައަކީ، ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިހާބުގެ ޤާނޫނު) ގެ ސަބަބުން، ތަފާތުކުރުންތަކެއް ކުރިމަތިވާކަމަށް ބުނެ، އެ ތަފާތުކުރުންތައް ނައްތާލާ އެހެން ހުރިހާ ރައްޔިތުންނެކޭ ހަމަހަމަ ގޮތެއްގައި، ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ލިބިދިނުން އެދިގެން، ޤާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުން ހުށަހެޅުނު މައްސަލައެކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ، މި ދަޢުވާ މައުޟޫޢީގޮތުން ބެލުމުގެ ނަތީޖާއަކީ، ޤާނޫނު ނުވަތަ އެ ޤާނޫނުގެ ބައެއް، ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުންކަމާއި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤަނޫނަކުން ބައެއްވިޔަސް، ޤާނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެ ފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބެނީ ހައިކޯޓާއި ސުޕްރީމް ކޯޓަށްކަމުގައި، ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ، ދެ މަރްޙަލާގެ ކޯޓަކަށް އިޚްތިޞާޞް ލިބިގެންވާ ކަމެއްގައި، ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމް ކޯޓުން ނޫންކަން.

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި، ޤާނޫނު އަސާސީގައި އެހެން ގޮތަކަށް ބުނެފައިވާ ނުވާހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި، އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެކަމަށް ބަޔާޏްކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ، އެ މަޖިލީހަށް ދަޢުވާލިބޭ ގޮތަށް ދަޢުވާކުރެވޭނެ ސަބަބެއް ނޫންކަން.

ބުނެވިދިޔަ ކަންކަން ހުރުމާއެކު، މި މައްސަލަ ބަލައިދެވެން ނެތްކަމުގައި ކަނޑައެޅީކަން.


ޙަވާލާދިން ގާނޫނުތަކާއި،ކީވޯޑްސް

ޤާނޫނު އަސާސީގެ 113 ވަނަ މާއްދާ

ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ)

ޤާނޫނު ނަންބަރު 2008/12 (ރިޔާސީ އިންތިހާބުގެ ޤާނޫނު)

ޤާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ)

ރައީސުލް ޖުމްހޫރިއްޔާ އިންތިޚާބުކުރުން